ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު ޖުލައި 15 ދުވަހު ބޯޑަރުތައް ހުޅުވާލި ފަހުން ދިވެހިރާއްޖެ އަންނަ އެއް ލައްްކަވަނަ ޓޫރިސްޓު މާދަމާ އަންނާނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިއަދު ޓްވީޓް ކުރައްވާފައިވާ ގޮތުން، އެއް ލައްކަވަނަ ޓޫރިސްޓު ރާއްޖެ މާދަމާ ހެނދުނުގެ ވަގުތެއްގައި އަންނާނެއެވެ. މިއީ އިގްތިސާދު އަނެއްކާވެސް ކޮޅަށްޖެހުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ފާހަގަކުރެވިގެންދާނެ ދުވަހެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވިފަހުން ކޮންމެ މަހަކުވެސް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުދަނީ އިތުރުވަމުންނެވެ. ނޮވެމްބަރު މަހުގެ ނިޔަލަށް ދުވާލަކު އެއްހާސް ޓޫރިސްޓުން ދިވެހިރާއްޖެއަށް އައި އިރު މި ހިނގާ ޑިސެމްބަރު މަހު އެވްރެޖްކޮށް 2،081 ޓޫރިސްޓުން ދުވާލަކު ދިވެހިރާއްޖެ އާދެއެވެ.

ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ރާއްޖެއިން ވަނީ ބޯޑަރ މައިލްސް ޕްރޮގްރާމެއްވެސް ތާރަފްކޮށްފައެވެ. އަދި ދެކުނު އޭޝިއާގެ އެންމެ ފުރަތަމަ އެއަރ ބަބަލް ވެސް ރާއްޖެ އަދި އިންޑިއާ އާ ދެމެދު ވަނީ ގާއިމްކުރެވިފައެވެ. އަދި ގިނަ އަދަދެއްގެ އެއަރލައިންތަކަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ. ހަމައެހެންމެ ކުރިޔަށް އޮތް މަސްތަކުގައި ވެސް ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފަށާނެކަން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އެ މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 500،000 ފަތުރުވެރިން ދިވެހިރާއްޖެ ގެނައުމެވެ. މި އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. މައުސޫމްވަނީ ދާދިފަހުން ހާމަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.