ޗައިނާގައި އީގަރ މުސްލިމުންނަށް ޖާސޫސުކުރުމަށް އެހީތެރިވެދޭކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ފޯނު ކުންފުނި ކަމަށްވާ ވާވޭއަށް ތުހުމަތުކުރެވޭތީ އެ ކުންފުންޏާއެކު ގާއިމްކޮށްފައިވާ ސްޕޮންސަރޝިޕްގެ އެއްބަސްވުންތައް ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އުވާލައިފިއެވެ. 

ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އީގަރ މުސްލިމުންނަށް ޖާސޫސު ކުރުމަށް ވާވޭއިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. ގްރީޒްމަން ވަނީ މީސްމީޑިއާގައި މި ތުހުމަތުތަކާއި ގުޅިގެން ވާވޭގެ އަމަލުތައް ކުށްވެރިކޮށް އިންސާނީ ހައްގުތައް ދެމެހެއްޓުމަށް މަސައްކަތްކުރުމަށް އެ ކުންފުންޏަށް ގޮވާލާފައެވެ. 

ގްރީޒްމަންގެ މި ނިންމުމާއި ގުޅިގެން ވާވޭއިން ވަނީ އެއްވެސް ކަހަލަ ތަފާތުކުރުމަކަށް އެ ކުންފުނިން އެއްބާރުލުން ނުދޭނެ ކަމަށް ބުނެ މި ތުހުމަތުތައް އިތުރަށް ގްރީޒްމަންއަށް ސާފުކޮށްދޭން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ގްރީޒްމަން އުވާލުމަކީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި ވާވޭއިން ވަނީ ސިފަކޮށްފައެވެ. 

އީގަރ މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގައި އެ ގައުމުގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވާކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ. އަދި އެ ޖަރީމާތަކާ ދެކޮޅަށް ފުޓްބޯޅަ ކުޅޭ ބައެއް ކުޅުންތެރިން އަންނަނީ އަޑުއުފުލަމުންނެވެ. އެގޮތުން ގްރީޒްމަން ވެގެންދިޔައީ މެސުޓް އޮޒިލްގެ ފަހުން އީގަރ މުސްލިމުންގެ ހައްގުގައި މިފަދަ ބޮޑު ނިންމުމެއް ނިންމި ކުޅުންތެރިޔަކަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.