އެމެރިކާގެ ފައިޒަރ ކުންފުނި އަދި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން ކޮވިޑް 19 އަށް އުފެއްދި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ފެންނަ ކަމަށޤ އެމެރިކާގެ ސަރުކާރުން ކޮވިޑް 19 އާ ގުޅިގެން އެކުލަވާލާފައިވާ އެޑްވައިޒަރީ ބޯޑުން ނިންމައިފިއެވެ. އެގޮތުން މި ވެކްސިންއަށް ހުއްދަ ދިނުމަށް ނެގުނު ވޯޓުގައި ބައިވެރިވި 17 މީހަކު ވަނީ ފެންނަކަމަށް ވޯޓު ދީފައެވެ. ވެކްސިން ބޭނުންކުރަން ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ ހަތަރު މީހެކެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދެނީ އެންމެ މީހެކެވެ.
ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދޭނެ ކަމަށް ބެލެވެއެވެ. އެގޮތުން އެތައް މިލިއަން ޑޯޒެއްގެ ވެކްސިން ތައްޔާރުކޮށް އެމެރިކާގައި ވެކްސިން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބެލެވެއެވެ. މިވަގުތު ކޮވިޑްއަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެ އަދި އެންމެ ގިނަ މީހުން މި ބަލީގައި މަރުވެފައި ވަނީ ވެސް އެމެރިކާއިންނެވެ.
ފައިޒަރ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައިވަނީ އިނގިރޭސިވިލާތުން ކަމަށްވާއިރު އެގައުމުން ވަނީ މި ހަފްތާގެ ކުރީކޮޅު ވެކްސިން ދިނުމަށް ފަށާފައެވެ. ހަމައެހެންމެ ކެނެޑާއިން ވެސް ވަނީ ވެކްސިން ދިނުމުގެ ހުއްދަ ދީފައެވެ. އެގައުމުގައި ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެން ފެށި ފަހުން އެމެރިކާއިން ވަނީ 15.5 މިލިއަން މީހުން އެބައްޔަށް ޕޮސިޓިވްވެފައެވެ. އަދި އެ ބަލީގައި 291،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.